ގޭގައި ހުރެގެން ފިޒިއޯތެރަޕީ ފަރުވާ ލިބޭ "ހޯމް ކެއާ" ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ތައާރަފްކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ތައާރަފް ކުރި "ހޯމް ކެއާ" ޚިދުމަތުގެ ދަށުން، ފިޒިއޯތެރަޕީ ހެދުމަށް ބޭނުންވާ ފަރާތްތަކަށް، ހޮސްޕިޓަލަށް ނުގޮސް، ގޭގައި ތިބެގެން މި ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، ތަދުތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދާ ފަރާތްތަކާއި، ޕޯސްޓް ސާޖަރީ ފަރުވާ ބޭނުންވާ ފަރާތްކާއި އަދި އެހެނިހެން އަނިޔާތަކާއިހުރެ ހިނގާބިނގާ އުޅުމަށް ދަތިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޓީޓީއެޗުން ބުނެ އެވެ.

މިގޮތުން ލިބޭ ފަސޭހަތަކުގެ ތެރޭގައި ޚިދުމަތް ހޯދުމަތް ހޭދަވާ ވަގުތު ކުޑަވުމާއި ދަތުރު ފަތުރު ކުރަން ނުޖެހުން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓީޓީއެޗުން ބުނީ މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގެ "ހޯމް ކެއާ" ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މާލެއަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާ މާލޭގެ އިތުރުން އެހެން ސަރަހައްދުތަކަށް ވެސް މި ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހޯމް ކެއާ ހިދުމަތުގެ ދަށުން ލިބޭ ފިޒިއޯތެރަޕީ ފަރުވާތައް:

  • ޕޯސްޓް ސާޖިކަލް ރިހެބިލިޓޭޝަން
  • ސްޓްރޯކް ރިހެބިލިޓޭޝަން
  • ކްރޯނިކް ރިހެބިލިޓޭޝަން

ހޯމްކެއާ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ހެނދުނު: 7:00 އިން 9:00 އަށް
  • ރޭގަނޑު: 8:00 އިން 10:00 އަށް