ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކަމަށާއި ދިމާވެގެން އުޅޭ މައްސަލައަކީ އިގްތިސޯދީ ކަންކަން މެނޭޖްކުރަން ސަރުކާރަށް ނޭނގުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ރާއްޖެއަށް މާލީގޮތުން ދަތިތަކެއް ކުރިމަތިވީ ކޮވިޑްގެ ސަބަބުން ކަމަށާއި އެކަމުން އަރައިގަތުމަށް ކޮންމެހެން ނަގަންޖެހުނު ލޯނުތަކެއް ނެގި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ލޯނުތައް ނެގުމުން "ސައިޑް އިފެކްޓްތައް" އަންނާނެކަން އޭރުގެ ސަރުކާރަށް އެނގުނު ކަމަށާއި ސަރުކަރު ހިންގަމުން އައީ އެ ކަމުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނެ ގޮތްތައް ބަލައިގެން ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އިގްތިސޯދު މެނޭޖްކުރަން މި ސަރުކާރަށް ނޭނގުމުން މައްސަލަތަކެއް ދިމާވާ މަންޒަރު ކަމަށް އަމީރު ވިދާޅުވި އެވެ.
"ސަރުކާރުގެ މިސްޓޭކްތަކާއި އަދި މިދިޔަ ހަތް މަސް ދުވަސް ތެރޭގައި އިގްތިސާދު މެނޭޖް ކުރުމާއި މާލީ ކަންކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ އިގްތިސާދު އަދި މާލީ ކަންކަން ވެއްޓިފައި އޮތް ހާލަތު ފޮރުވުމަށް އޮޅުވާލަމުން މިދަނީ،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށް މި ސަރުކާރުން ޔަގީންކުރީ އީމެއިލް މެދުވެރިކޮށް ލިބިފައި ހުރި ޕްރޮޕޯސަލްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ޕްރޮޕޯސަލްތަކެއް ނޫންކަން އެނގުނީ ވެރިކަމަށް ހަތް މަސް ވީ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އީމެއިލް ޒަރިއްޔާއިން އަންނާނެ ކޮންމެވެސް އެފްރިކާގެ ގައުމެއްގައި ޕްރިންސެއް އެއް ބިލިއަން ޑޮލަރުގެ ޕްރޮޕޯސަލްއެއް އެބައޮތޭ. ވަރަށް ގިނަ ޕްރޮޕޯސަލް ހިފައިގެން އަސްލު މިދިޔަ ހަތް މަސް ދުވަހު މިއުޅެނީ. ހަތް މަސްވީއިރު އަދި ކިރިޔާ މި އެނގުނީ މިއީ ރަނގަޅު ޕްރޮޕޯސަލްތަކެއް ނޫންކަން," އަމީރު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން ލޯނު ނަގައިގެން ހިންގަން ފަށާފައި ވަނީ އެ ލޯނުން ހިންގާ މަޝްރޫއުގެ ސަބަބުން ކުރިއަށްއޮތްތަނުގައި ގައުމުގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ ފަދަ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލީ ހާލަތު ރަނގަޅު ކުރާނެ ގޮތް ސަރުކާރަށް ނޭނގުމުން އެމްޑީޕީ ސަރުކާރާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.
އެމްޑީޕީ ވެރިކަމުގައި މުޅި ގައުމު އިނދަޖެއްސީ އަމީރުމެން ހަޖަމްކުރޭ ލަލަލަ....
މެނޭޖްކުރަން ހަމައެކަނި އެނގޭ މީހަކީ އަމީރުބާ؟ އެނގޭކަމަކީ ދަރަނިނެގުން. އެކަން އެބަހުރި ކުރެވިފަ ފުދޭވަރަށް.