ރާއްޖޭގެއި ކަސްރަތާއި ދުވުމުގެ ހަރަކާތްތައް އިންތިޒާމްކުރާ "އައި ރަނާސް" ގެ ފަރާތުން ބާއްވާ "މޯލްޑިވްސް ހާފް މެރަތަން 2024" ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ޖުލައި 10 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ހާފް މެރަތަން އެކްސްޕޯގައި މެޑިކަލް ޕާޓްނާގެ ހައިސިއްޔަތުން، ޓްރީޓޮޕް ހޮސްޕިޓަލުން ދުވުންތެރިންނަށް ހިލޭ ބޭސިކް ހެލްތް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، މާދަމާ އޮންނަ ދުވުމުގައި، ނުވަތަ "ރޭސް ޑޭ" ގައި ސިއްހީ ހިދުމަތާއި ފަސްޓް އެއިޑް ފޯރުކޮށްދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އެމްބިއުލާންސް އަދި ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށް ވެސް ޓީޓީއެޗުން ބުނެ އެވެ.

"މުޖުތަމައުގެ ސިއްޙީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް 'ހެލްތީ ލައިފްސްޓައިލް' ޕްރޮމޯޓް ކުރާ މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މަރުހަބާ ކިޔަން. ކުރިޔަށް އޮތް ތަނުގައި ވެސް އަދި މިފަދަ ހަރަކާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން އެއްބާރުލުންދޭނެ،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ މަޝްހޫރު ދުވުންތަކާއި، އެހެނިހެން ހަރަކާތްތަކަށް ފަސްޓް އެއިޑް އަދި މެޑިކަލް ސަޕޯޓް ފޯރުކޮށްދީފަ އެވެ.

މޯލްޑިވްސް ހާފް މެރަތަން އަކީ "އައި ރަނާސް" ގެ ފަރާތުން މުޖުތަމަޢުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްޙަތެއް ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ ދުވުމެކެވެ. މި ދުވުމުގެ ކެޓަގަރީ ތަކުގެ ތެރޭގައި ހިމެނެނީ:

  • ހާފް މެރަތަން: 21 ކިލޯމީޓަރު
  • 15 ކިލޯމީޓަރު
  • 10 ކިލޯމީޓަރު
  • 5 ކިލޯމީޓަރު ފަން ރަން
  • އިންލައިން ސްކޭޓިން
  • ވީލްޗެއާ ރޭސް، 5 ކިލޯމީޓަރު

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.