ވ. ފުލިދު އާއި ރިހިވެއްޔާ ދެމެދުގައި އޮންނަ ޗެނަލްގެ މެދުން ބޮޑު މަހެއް ފެނި ފޮޓޯތަކަށް މީހުންގެ ސަމާލުކަން ލިބިއްޖެ އެވެ.

ބޮޑު މަހުގެ ބާވަތެއް ކަމަށްވާ މި "ބްލޫ ވޭލް" ގައި ގާތްގަނޑަކަށް 90 ފޫޓު ހުރެ އެވެ. ސްނޯކްލިންއަށް ގޮސް އުޅުނު މުހައްމަދު ނަވާޒަށް އިއްޔެ ބޮޑުމަސް ފެނުނީ ޓޫރިސްޓުންނާ އެކު ޝިޕްރެކަށް ދަތުރުކުރަނިކޮށް ވ. އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ އަލިމަތާ ރިސޯޓް ކައިރިންނެވެ.

މަސް ފެނުމާއެކު ނަވާޒް ވަނީ ބޮޑުމަހާއެކު ނަގާފައިވާ ރީތި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

https://www.instagram.com/reel/C9RtV2_JQAk/?igsh=MWx4bnRsMnMzMHAzdw==

ބޮޑުމަސް ފެނުމަކީ ރާއްޖޭގައި އެހާ އާއްމުކަމެއް ނޫނެވެ. އެކަމަކު ވ. އަތޮޅުގެ އެތެރެވަރީގަ އާއި ބޭރުގައި މި ބޮޑުމަސް އުޅޭތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށްވެ އެވެ. އަދި މަސް ބެލުމަށާއި ފޮޓޯ ނެގުމަށް ވަރަށް ގިނަ މީހުން ދާ ކަމަށްވެ އެވެ.

އާންމުކޮށް ރާއްޖެ ސަރަހައްދުން މިގޮތަށް ބޮޑުމަސް ނުފެނެ އެވެ. ރާއްޖެ ސަރަހައްދުން މި ބޮޑުމަސް ފެނިފައި މިވަނީ ބޮޑުމަސް ހިޖުރަކުރާ ދުވަސްވަރު ހިޖުރަކުރުމުގެ ދަތުރުމަތީގައި ކަމަށް ބެލެވެ އެވެ.

https://www.instagram.com/p/C9SdsPyt5F2/

ބްލޫ ވޭލް ބައެއް ފަހަރު ކުދި ކުދި ގުރޫޕްތަކަކަށް ފެނުނު ނަމަވެސް ގިނަފަހަރަށް ފެންނަނީ އެކަނި އުޅޭތަނެވެ. މިފަދަ ބޮޑުމަސް އާންމުގޮތެއްގައި ހޫނު މޫސުމުގެ ދުވަސްތައް ހޭދަކުރަނީ ފިނި ކަނޑުތަކުގަ އެވެ. ފިނި މޫސުން އައުމާއެކު އިކުއެޓޯރިއަލް ކަނޑުގެ ސަރަހައްދުތަކާއި ދިމާލަށް ދިގު ހިޖުރަތަކެއް ކުރެ އެވެ.

ބޮޑުމަސް އާންމުކޮށް ދަތުރުކުރަނީ ގަޑިއަކު ގާތްގަނޑަކަށް 5 މޭލު ބާރުމިނުގައި ކަމަށްވެ އެވެ. ނަމަވެސް ބާރަށް ދަތުރުކުރާއިރު ގަޑިއަކު 20 މޭލަށް ވުރެ ބާރު މިނުގައި ދަތުރުކުރެ އެވެ.

https://www.instagram.com/p/C9INS94hxDs/

ބުލޫ ވޭލުގެ ހިތްގައިމު ކަމާއެކު އަނެއްކާވެސް މިވަނީ ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމަށް މީހުންގެ ސަމާލުކަން ހުއްޓިފަ އެވެ.