މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގެ ސްކްރީންގައި ޕްރިމިއާ ކުރި، ދިވެހި ފިލްމު "ކަމަނާ"ގެ ހައުސްފުލް ޝޯތަކެއް ދެއްކުމަށް ފަހު އެފިލްމު ޝްވެކް ސިނަމާގައި އެޅުވުމަށް ނިންމައިފި އެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސަން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ 'ކަމަނާ' ޝްވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. ޝްވެކް ސިންމާގައި މި ފިލްމު އެޅުވުމަށް ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ފިލްމު ބަލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދިނުމަށެވެ.

https://www.instagram.com/p/C_-k5oTyrVg/

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް ގެނެސްދީފައިވާ މިފިލްމުގެ ހައުސްފުލް 37 ޝޯ އޮލިމްޕަހުގައި ވަނީ ދައްކާފަ އެވެ.

https://www.instagram.com/p/C_2ftdWJLYi/

މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި ހިމެނެނީ މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ. މިއީ ސެޓަރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

"ކަމަނާ" މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ވެސް ދައްކާފައިވާ އިރު، މިހާރު ވެސް ގިނަ ރަށްތަކެއްގައި އަޅުވަން ތާވަލުކޮށްފައިވެ އެވެ. އަދި ބައެއް ރިސޯޓްތަކުގައި ވެސް ފިލްމު ދައްކަން ހަމަޖެހިފައިވާ އިރު، ސްރީ ލަންލާގައި ވެސް ފިލްމު އަޅުވަން ހަމަޖެހިފައިވެ އެވެ.