ހޯމަ ދުވަހުގެ ފަހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދޭނެ މީހުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކަނޑައަޅައިފި އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި އަންނަ ހޯމަ ދުވަހުން ފެށިގެން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ. އެއާ އެކު، ވެކްސިން ޖެހުމަށް ސެންޓަރުތަކަށް ދާ މީހުންގެ އަދަދު މިއަދު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފަ އެވެ.

އެޗްއީއޯސީން ބުނީ އަންނަ ހޯމަ ދުވަހަށް ފަހު ވެސް، އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެއިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

މާލޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގަ އެވެ. މިހާތަނަށް 175،456 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

ކުރިން ރާއްޖޭގައި ދެވަނަ ޑޯޒު ޖަހަން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. ނަމަވެސް މާޗު 15 އަކީ ވެކްސިން ޖަހަން ފެށި ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ހަ ހަފުތާ ހަމަވާ ތާރީހެވެ.