ކޮވިޑް ވެކްސިންގެ ފުރަތަމަ ބުރު މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމާފައިވާތީ، ފަހު ވަގުތު ވެކްސިން ޖަހަން އެތައް ހާސް ބަޔަކު ދިގު ކިޔޫގައި ހަދައިފި އެވެ.

މާލޭގައި އެންމެ ގިނަ ބަޔަކު ކިޔޫ ހަދާފައި އިސްލާމީ މަރުކަޒާއި ސޯޝަލް ސެންޓަރު ކައިރީގަ އެވެ.

އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އަމީރު އަހުމަދު މަގާއި މެދުޒިޔާރަތް މަގަށްވާ ގޮތަށް ދެ ފަރާތަށް ހަދާފައިވާ ކިޔު ލައިންގައި ހާހަކަށް ވުރެ ގިނަ މީހުން އިއްޔެ އާއި މިއަދު ވެސް ތިއްބެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.

ކިޔު ލައިންގައި ހުރި މީހަކު ބުނީ ވެކްސިން ދިނުމުގެ ފުރަތަމަ ބުރު މިހާ އަވަހަށް މެދުކަނޑާލާނެ ކަމަށް ހީނުކުރާ ކަމަށެވެ. އެހެންވެ ވެކްސިން ޖެހުން ފަސްކޮށްލައިގެން ހުރީ ކަމަށެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން މާދަމާއިން ފެށިގެން މެދުކަނޑާލާތީ އިސްލާމީ މަރުކަޒުގެ ބޭރުގައި ގިނަ ބަޔަކު ވެކްސިން ޖަހަން ކިޔޫ ހަދައިގެން. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"އެކަމަކު މިހާރު މި އެނގުނީ ދެވަނަ ޑޯޒު ދޭން ފަށަނީ ފުރަތަމަ ބުރު ނިންމާލާފައިކަން. އެހެންވެ އަވަހަށް ވެކްސިން ޖަހަން މިއައީ،" ކިޔޫގައި ތިން ގަޑިއެއްހާއިރު މަޑުކޮށްގެން ހުރި އަހުމަދު ޝަފީއު ބުންޏެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ވެކްސިން ކޮވިޑް ވެކްސިން ދޭން ފުރަތަމަ ފެށީ ސިއްހީ ހިދުމަތްތެރިންނަށާއި ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. އަދި އޭގެ ފަހުން ކުރިޔަށް ގެންދިޔައީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. މިގޮތުން އެންމެ ފަހުން ވެކްސިން ދޭން ފެށީ 18 އަހަރުން މަތީ މީހުންނަށެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން މާދަމާއިން ފެށިގެން މެދުކަނޑާލާތީ އިސްލާމީ މަރުކަޒުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު ވެކްސިން ޖަހަން ކިޔޫ ހަދައިގެން. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ވެކްސިން ދިނުން މެދުނުކެނޑި ކޮންމެ ދުވަހަކު މާލޭގެ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި އޭގެ ފަހުން މަޖްލިސް އިދާރާ އާއި ސެނަހިޔާގައި ކުރިޔަށްދިޔައިރު ބައެއް ދުވަހު އެތައް ގަޑިއިރެއްވަންދެން ހޯލްތައް ހުސްކޮށް ހުއްޓެވެ. އަދި ވެކްސިން ދޭން ތަންތަން ހުސްކޮށް ހުރުމުން ވެކްސިން ޖަހަން އަވަހަށް ދިއުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކު އާއްމުންނަށް މެސެޖްތައް ފުލުފުލުން ފޮނުވަމުން ގެންދިޔަ އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ބުރު މާދަމާއިން މެދުކަނޑާލަން ނިންމުމުން މާލޭގެ ސޯޝަލް ސެންޓަރުގެ ދެ ފަރާތުގައި ހާހަކަށް ވުރެ ގިނަ މީހުން ކިޔޫ ހަދައިގެން އަވީގައި ވެސް ތިއްބެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ވެކްސިން ދޭ މަރުކަޒުގެ ބޭރުގައި ވެސް އެތައް ސަތޭކަ ބަޔަކު ވެކްސިން ޖަހަން ކިޔޫ ހަދާފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މުޅި ރާއްޖެއިން 11،474 މީހަކު ވެކްސިން ޖަހާފައިވެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވެކްސިން ޖެހި ދުވަހެވެ. އެ ދުވަހު މާލެ ސަރަހައްދުން އެކަނި 6،015 މީހުން ވެކްސިން ޖެހި އެވެ. މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ވެސް 9،781 މީހަކު ރާއްޖޭގައި ވެކްސިން ޖެހި އެވެ. އަދި އިއްޔެ ވެސް 9،770 މީހަކު ވެކްސިން ޖެހި އެވެ. މިއާއެކު މިހާރު ރާއްޖެއިން ޖުމްލަ 9،770 މީހުން ކޮވިޑް ވެކްސިން ޖަހާފައިވެ އެވެ.