ފައިޒާ ވެކްސިނަކީ ކޮވިޑާ ދެކޮޅަށް ބޭނުންކުރަން އެންމެ ފުރަތަމަ އުފެއްދި ވެކްސިން. މި ވެކްސިން ބޭނުންކުރަން އެންމެ ފުރަތަމަ ހުއްދަ ދިނީ އެމެރިކާގައި. މިއީ ކޮވިޑާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިން.

ދުނިޔޭގެ އެކި ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ކޮވެކްސް ފެސިލިޓީ އިން ހަދިޔާކުރި، ފައިޒާ ވެކްސިންގެ 5،850 ޑޯޒް މިއަދު ރާއްޖެ ގެނެސްފި އެވެ.

ޔުނިސެފް އިން ބުނީ ވެކްސިން ސަޕްލައިކޮށް، ލޮޖިސްޓިކްސް އާއި ކޯލްޑް ޗެއިން މެނޭޖްމަންޓުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ 70- ޑިގްރީގަ އެވެ. ރާއްޖޭގައި އެ ވެކްސިން ހޭންޑަލް ކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން މިއަދު ވަނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ވެސް ރާއްޖެ ގެނެސްފަ އެވެ.

ސައިނޯފާމް އަދި ފައިޒާ ވެކްސިނަށް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފަ އެވެ.

މިހާރު މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދެނީ ސައިނޯފާމް ވެކްސިނުންނެވެ.

ރާއްޖޭގައި މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.