ނ. ވެލިދޫގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ވޯޓު ފޮއްޓާ ހަވާލުވެ ހުންނެވި އޮފިޝަލް، ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއްގެ ވޯޓު ކަރުދާސް، ވޯޓު ފޮއްޓަށް ލައިދޭން މަސައްކަތްކުރި މައްސަލައެއްގައި ކެންޑިޑޭޓުންގެ މަންދޫބުން ނުކުމެ އެ ރަށުގައި ވޯޓުލުން ހުއްޓުވައިފި ކަމަށް "ހުރިހާ"އަށް މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ވޯޓުލުން ހުއްޓުވާފައިވަނީ އެރަށު ޕްރީ ސްކޫލުގައި ބެހެއްޓި 87 ނަމްބަރު ވޯޓު ފޮށި އެވެ. އެ ފޮށީގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 7:52 ގަ އެވެ. ވެލިދޫގައި ޖުމްލަ ބަހައްޓާފައިވަނީ ތިން ވޯޓު ފޮއްޓެކެވެ.

"ހުރިހާ"އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނީ، ހާއްސަ އެހީއަށް ބޭނުންވާ އެ އަންހެން މީހާއަކީ އުމުރުން 87 އަހަރުގެ ލޮލުގެ ފެނުން ގެއްލިފައިވާ މީހެއް ކަމަށެވެ. އަދި ރަނގަޅަށް އަމިއްލައަށް ހިނގައިބިނގާވެ އުޅުން ދަތިތަކެއް ކުރިމަތިވާ މީހެއްކަމަށް ވެސް ބުންޏެވެ.

ވޯޓު ފޮއްޓާ ހަވާލުވެ ހުރި އޮފިޝަލު ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިއި ވޯޓު ފޮއްޓަށް ކަރުދާސްކޮޅު ލާން މަސައްކަތްކުރުމުން އެތަނުގައި އޭރު ތިބި ދެ ކެންޑިޑޭޓުންގެ މަންދޫބުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފައުޅުކޮށްފަ އެވެ.

އެރަށުން ވާހަކަ ދެއްކި ފަރާތުން އިތުރަށް ބުނީ ވޯޓުލުން ހުއްޓިފައިވާތާ މިހާރު ދެ ގަޑިއިރު ވެއްޖެ ކަމަށާއި ނަމަވެސް މިހާރު ކަންކަން ހަމައަކަށް އެޅެމުންދާ ކަމަށެވެ.

ވެލިދޫ ވޯޓު ފޮށި ކައިރީގައި ފުލުހުން ވެސް ވަނީ ހަމަނުޖެހުމެއް ހިނގައިފާނެތީ އެކަން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވެފަ އެވެ.