ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށި، ލީޑް، މުހައްމަދު ހުމާމް ހަސަން ނައީމް، 29 އަދި މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް، 53 އެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށާއި،އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމު ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަސަން ނައީމަށް 10 ދުވަސް އަދި އަބްދުﷲ އިބްރާހީމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައިވާއިރު، ކުޅުދުއްފުށި ސިޓީ ޕޮލިހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.