ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށެވެ.
ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފަ އެވެ. އެ މީހާއަށް ފަރުވާދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.
މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ،57، ވަނީ ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެދަށުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.