މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް އެމީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާ ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހު 30، ގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ހައްޔަރުކުރީ ގ. މާލޭހިޔާ 1-16-03، މާލެ، އަހްމަދު ހައްސާން، 33، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 4، ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އަހްމަދު ހައްސާން ވަނީ ވައިބާ އެކައުންޓް ބޭނުންކޮށް އެކި ފަހަރު މަތިން މަކަރާއި ހީލަތުން ޖުމްލަ 150،300ރ. ހޯދައި އޭގެ ތެރެއިން 75،000ރ. ނަގާފެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.