ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީން މިއަދު ސޮއި ހަމަކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް ވަކިކުރަން އުޅެނީ، އެ މަގާމުން އިސްތިއުފާ ދިނުމަށް ފުރުސަތު ވެސް ދިނުމަށް ފަހު އެވެ. ނަމަވެސް އިސްތިއުފާ ނުދިނުމުން އެ މަގާމުން ނާޒިމް ވަކިކުރަން މިހާރު ވަނީ ޕީއެންސީ ޕީޖީގެ ސޮއި ހަމަކޮށްފަ އެވެ.

ނާޒިމް އެ މަގާމުން ވަކިކުރަން ނިންމިއިރު، މިއަދު ހެނދުނު 6:00 އެހާކަންހާއިރު ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްފަ އެވެ. އެ ގްރޫޕްގައި ތިއްބަވަނީ ރައީސް މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުންނެވެ.

އެ ގްރޫޕުން ނާޒިމް ބޭރުކުރިއިރު، މިދިޔަ މަހުގެ 21 ގައި ވަނީ މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް އޭނާ ވަކިކޮށްފަ އެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ވެސް ޕީއެންސީ މެންބަރުން ވަނީ 'ބޮއިކޮޓް' ކުރައްވައިފައެވެ. ކޯރަމް ހަމަނުވެ ޖަލްސާ ވަނީ މާދަމާއަށް ފަސްކޮށްފައެވެ. ޖަލްސާއަށް މިއަދު ވަޑައިގަތީ ރިޔާސަތުގައި އިންނެވި ނާޒިމާއި އެމްޑީޕީގެ މެންބަރުން އެކަންޏެވެ.