ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ޕްރައިމް ސަސްޕެކްޓް އަހުމަދު އަދުހަމް ސިފަ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ނަޝީދަށް ހަމަލާދިން މައްސަލަ ތަހުގީގުކުރާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެވެ.
އެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މަައުލޫމާތު ދެމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ، ބޮމުގެ ހަމަލާދިންދިން މީހަކީ އަދުހަމްކަން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފްޓޭޖު ބެލުމުން ޔަގީންކުރެވިފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ހަމަލާއަށް ފަހު އެހެން މީހުންގެ ފަރާތުން ހަރަކާތްތައް ފެނުނު ގޮތާއި އަދުހަމުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ،
މީގެ އިތުރުން ހަމީދު ވިދާޅުވީ، އަދުހަމް އޭނާގެ ސިފައަށް ބަދަލު ގެނެސް ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާކަން އެގިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހައްޔަރުކުރި ވަގުތު ތުނބުޅި ކޮށާލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަދުހަމްގެ ބޮލުގެ އިސްތަށިގަނޑު ތުނިކުރަން މަސައްކަތް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ރޭ ފަތިހުގެ އެވެ. ހަމަލާ ދިނުމަށް ފަހު އޭނާ ގެއަށް އައިސްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށްވެ އެވެ. އެހެން ކަމުން އޭނާ ފިލުވުމަށް ބަޔަކު އެހީތެރިވި ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒު ވިދާޅުވީ އަދުހަމް ފޮރުވުމަށް އާއިލާއިން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތެއް އަދި ނެތް ކަމަށެވެ. އަދި އަދުހަމް ފޮރުވަން މަސައްކަތް ކޮށްގެން މިހާތަނަށް ވަކި ބައެއް ނުވަތަ މީހެއްގެ މައްޗަށް ތަހުގީގު ފަށާފައިނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ ހަމަލާ ދިން ވަގުތު އަދުހަމުގެ ހަރަކާތްތައް ފެންނަ ވީޑިއޯ އާއި ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމުގެ ކުރިން މަޖީދީ މަގުގައި ހުންނަ އަތަމާ ޕެލެސް ހޮޓަލާ ގުޅިފައިވާ ގޯޅިގަނޑުގައި އަދުހަމް ހުރެގެން ފޯނުން މީހަކާ ވާހަކަ ދައްކާ މަންޒަރު ފެނެ އެވެ. އޭނާ ފޯނުން ވާހަކަދައްކަން ހުންނަނީ ފާރުގައި އެއް ފައި ޖައްސާލައިގެން ކޮޅަށެވެ. އަދި ބޮން ގޮއްވާލުމަށްފަހު ބޭރަށް ނުކުމެ ދުއްވައިގަންނަ ތަން ފެނެ އެވެ.
ރިޔާޒު ވިދާޅުވީ ފާރުގައި ހުރި ފުޓް ޕްރިންޓް ފުލުހުން އެނަލައިޒް ކުރުމުން އަދުހަމްގެ ފައިގެ ފްޓް ޕްރިންޓާ ދިމާވެފައިވާ ކަމަށެވެ. އިތުރަށް ރިޔާޒް ވިދާޅުވީހަމަލާއާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ދެ މީހުންނާ ވެސް އަދުހަމް މުއާމަލާތް ކޮށްފައި ހުރިކަން މިހާރު އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަލާ އަށް ފަހު އަދުހަމް ވަނީ މިހަމަލާގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ އަހްމަދު މުޖާޒާއި ބައްދަލުކޮށް ދެ މީހުން އެކުގައި މާލޭގެ އެތައް ސަރަހައްދަކަށް އެކުގައި ގޮސްފަ އެވެ.