ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ އިސް މޭސްތިރިޔާ ފުލުހުން ވަނީ ރޭ ފަތިހު ހައްޔަރުކޮށްފައި. މިއީ މި މައްސަލައިގެ ތަހުގީގަށް ހޯދި ވަރަށް ބޮޑު ކުރިއެރުމެއް. ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރާ އަދުހަމް މިހާރު ވަނީ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހުގެ ރޭ ގ. ކެނެރީގެއިން ނުކުމެވަޑައިގެންނެވީ އެއްވެސް ކަހަލަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. ނަމަވެސް އެ މަނިކުފާނު ގޮސް ކާރުކޮޅާ ކައިރިވި ތަނުން ނުރައްކާތެރި ބޮމެއް ގޮއްވާލުމުން ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވީ އެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ ނަޝީދު އެރޭ ގެއިން ނުކުމެވަޑައިގެންނެވީ ކައިރި ރަށަކަށް ދިޔުމަށް ކަމަށެވެ.

ބާރުގަދަ އެ ގޮވުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. އަނިޔާތަކުގެ ތަފްސީލަށް ބަލާއިރު އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާ ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށެވެ.

ރައީސް ނަޝީދުގެ ހަށިގަނޑުން ރޭޒާ ފުއްތައް ފެންނަ ސްކޭނެއް

ނަޝީދުގެ ބޭރުފުށުން ލިބިފައިވާ ގެއްލުން ތަކުގެ އިތުރުން އެތެރެ އަށް ލިބިފައި ހުރި ގެއްލުންތަން ބެލުމަށް ސީޓީ ސްކޭނެއް ވެސް ހަދާފައިވެ އެވެ. ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަނީ ވަދެފަ އެވެ. މީގެ އިތުރުން ޑޮކްޓަރުން ބޮޑަށް ފަރިތަވެފައި ހުންނަނީ ލޭ ހޮޅިތަކުގައި ހުންނަ ގަނޑު ލޭކޮޅުތައް ނަގަން ކަމަށާއި އޮމާންކޮށް ހުންނަ ދަގަނޑުކޮޅު ފަދަ އެއްޗެހި އެފަދަ ގޮތަކަށް ހަށިގަނޑުގެ އެތެރެއަށް ވަދެފައި އޮތުމުން ޑޮކްޓަރުންނަށް ޗެލެންޖްސްތަކާ ކުރިމަތިލާން ޖެހުނެވެ. ކުރު ގޮތަކަށް ބުނާނަމަ ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

މިއީ ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށް ވުރެ އެތަށް ގުނައެއް ބާރުގަދަ ބޮމެއް ގޮއްވާލުމުން ލިބުނު އަަނިޔާތެކެވެ. ނަޝީދުގެ ބޮޑީގާޑުންގެ އިތުރުން ޓޫރިސްޓަކަށާއި އާންމު ރައްޔިތަކަށް ވަނީ އަނިޔާވެފަ އެވެ.

ބޮމުގެ ހަމަލާ ދިނުމާއެކު އާންމުން ގޮވަމުން ދިޔައީ ސީސީޓީވީ ކެމެރާތަށް ބަލައި ހަމަލާދިން މީހުން ވަގުތުން ހައްޔަރު ކުރުމަށެވެ. ނަމަވެސް ފުލުހުންނަށް އެކަން ކުރެވުނީ ދެ ދުވަސް ފަހުންނެވެ. މިއަދު އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ސީދާ ބޮމް ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދުގެ ހަމަލާއަށް ފަހު މާލޭ މަގުތަކުގައި އުޅުނު ގޮތުގެ ވީޑިއޯ އާންމުކޮށްފަ އެވެ.

ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން

އެގޮތުން ފުލުހުން އެންމެ ފުރަތަމަ ދެއްކި ވީޑިއޯއިން ފެންނަނީ އަދުހަމް އަތަމާ ޕެލެސް ހޮޓަލުގައި މަޑު ކޮށްލައިގެން ހުއްޓަ އެވެ. އޭރު އޭނާ ގެންދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. އެއަށްފަހު އޭނާ މަޖީދީމަގަށް ނުކުންނަށް ދިޔަ މަންޒަރު ފެނެ އެވެ. އެއީ ނަޝީދު ވެސް އެމަނިކުފާނުގެ ކާރުކޮޅަށް އަރާ ވަޑައިގަންނަން އުޅުއްވި ވަގުތުކޮޅެވެ. އަތަމާގައި ހުރެފައި މަޖީދީ މަގަށް ނުކުންނަން ދިޔަ އަދުހަމްގެ އަތުން ފެންނަން އޮތީ ނުރައްކާތެރި އެއްޗެކެޗެ. އެއީ ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮމުގެ ރިމޯޓެވެ.

ކާރުކޮޅާ އަރާ ހަމަވިތަނުން އަދުހަމް ވަނީ އޭނާގެ އަތުގައި އޮތް ބޮމުގެ ރިމޯޓަށް ފިތައި ހަމަލާދީފަ އެވެ. އެއަށްފަހު ފިލަން އޭނާ ދުއްވައިގަތީ އެވެ. އަދުހަމްގެ ފަހަތުގައި ތިބި މީހުން ރައްކާތެރިވުމަށް އަތަމާ ހޮޓަލަށް ވަންއިރު އަދުހަމް ދުވީ ދިމާ އިދިކޮޅަށެވެ. ފުލުހުން ބުނީ އަދުހަމްގެ ފަރާތުން ފެނުނީ އެފަދަ ކަމެއް ހިނގައިިގެން އުޅޭއިރު ފެންނާނެ "ނެޗުރަލް ބިހޭވިއާ"އެއް ނޫން ކަމަށެވެ. އެހެންކަމުން ފުލުހުން އަދުހަމަށް ކުރަމުން އައި ޝައްކު އިތުރަށް ޔަގީންވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރާ އަދުހަމް

ދައުލަތުގެ އެއް ބާރުގެ ވެރިޔާއަށް ހަމަލާ ދިނުމުން ސަލާމަތީ ބާރުތަކުން މާލޭތެރޭގެ ސީސީޓީވީ ކެމެރާތަށް ބަލާނެކަން އަދުހަމްއަށް އެގޭނެ އެވެ. އަދި އެފަދަ ހަމަލާއެއް ދިނުމުން ސަލާމަތީ ބާރުތަކުން އަމަލުކުރައްވާނެ ގޮތް ވެސް އަދުހަމަށް އެނގޭނެ އެވެ.

ފުލުހުން ބުނީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލަން މަސައްކަތް ނުކުރާ ކަމަށެވެ. އޭނާ ގެއަށް ދިޔައީ ހަމަލާދިން ރޭ ފަތިހު އެވެ. ހައްޔަރުކުރީ މިއަދު ފަތިހު އެވެ.

މަޖިލީހުގެ ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ --- ފޮޓޯ: ވަން އޮންލައިން

އަދުހަމް މާލޭ ތެރޭގައި އުޅުނު ގޮތުގެ ވިޑިއޯ ފުލުހުން އާންމުކުރިއިރު އޭނާގެ ފަރާތުން ހާސްވުމެއް ނުވަތަ ބިރުން އުޅޭ މަންޒަރެއް ނުފެނެ އެވެ. ފެނުނީ ވަރަށް ހަމަޖެހިލައިގެން މާލޭގެ އެކި ހިސާބުތަކުން ހިނގާފައި ދާ މަންޒަރެވެ. ހިނގަމުން ގޮސް ކޮންމެ ވެސް ޕާކެއް އެތެރޭގައި ވެސް އަދުހަމް މަޑު ކުރެ އެވެ. އޭނާއާއެކު އެ ހަމަލާދިނުމުގައި ބައިވެރިވި މުޖާޒު އަހުމަދު ވެސް ހުރެ އެވެ. މާލޭގެ މަގުތަކުގައި ބޮމް ގޮއްވާލި ރޭ އަދުހަމް އުޅުނުއިރު އޭނާ ގެންދިޔައީ މީހަކާ ގުޅައިގެން ވާހަކަ ދައްކަމުންނެވެ.

ފުލުހުން މިހާރު ގެންދަނީ އެ ފޯންކޯލުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއަދު ފުލުހުން އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިންނެވެ. އަދުހަމްގެ އާއިލާގައި އޭނާއާ އެއްބަނޑު އެއްބަފާ ތިން ބެއިން ތިބޭއިރު، އޭނާއަކީ ދެވަނަ މީހާ އެވެ. ވަޒީފާއެއް އަދާކުރަމުން ނުދާ، އަދްހަމު ކުރިން ކުރި ކައިވެނި ކާމިޔާބެއް ނޫނެވެ. އޭނާގެ ދަރިއަކު ނުހުރެ އެވެ.

އަދުހަމް ދިރިއުޅޭ ފްލެޓް

ނަޝީދަށް ދިން ހަމަލާގެ މަންޒަރުތަށް ޓީވީ މެދުވެރިކޮށް އަދުހަމް އާއިލާ މީހުން ދިޔައީ ބަލަމުންނެވެ. އޭރު ވެސް އަދުހަމް ގެއަކު ނެތެވެ. އަދުހަމް އެފަދަ ކަމެއް ކޮށްފާނެ ކަމަށް އާއިލާއިން ހީވެސް ނުކުރެ އެވެ. އަދި އެވަގުތު ގޭގައި ނެތަސް އޭނާއާމެދު ޝައްކެއް ވެސް ނުކުރެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވެނީ ކާކުކަން އެނގުމުގެ ކުރިން، އެކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވުމާއި، އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރުމުން، އަދުހަމްގެ މައުލޫމާތު ޕޮލިހާ އެންގީ އޭނާގެ އާއިލާ މީހެއްކެވެ.

ފުލުހުން އަދުހަމް ހައްޔަރުކޮށްގެން ގެންދަނީ-

ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން އަދުހަމް ހައްޔަރުކުރަން ގެއަށް ގޮސް ޓަކިދޭން ފެށުމުން އެގޭ އެންމެން ތެދުވި އެވެ. ދޮރު ހުޅުވުމުން ފުލުހުން ވަތް ގޮތަށް އަދުހަމް ކައިރީ ބުނީ "ނީލް ޑައުން" ނުވަތަ ކުޑަކަކޫ މައްޗަށް އިށީނުމަށެވެ. އަ އެއަށް ފަހު އޭނާގެ އަތް މައްޗަށް ނަގާފައި ބިޑި އެޅުވި އެވެ. އަދުހަމްގެ ފަރާތުން އެއްވެސް ވަރަކަށް ނުކިޔަމަންތެރިކަން، ހާސްކަމެއް އަދި ބިރުވެރިކަމެއް ވެސް ނުފެނެ އެވެ.

ހަމަލާދިނުމުގެ ކުރިން އަދި އެއަށްފަހު ވެސް އަދުހަމް އުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ފުލުހުން އޭނާ ގެންދަން އުޅުމުން ނަމާދު ކޮށްލުމުގެ ފުރުސަތު ދިނުމަށް ވަނީ އެދިފަ އެވެ. ފުލުހުން ވަނީ އަދުހަމް އެދުނު ގޮތަށް އެ ފުރުސަތު ދީފަ އެވެ. އޭނާ މިހާރު ހުރީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާގެ އިސް މޭސްތިރިޔާގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.