ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައިސް، ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަޙެޅުއްވި، ނަފްރަތުގެ ބިލް ގާނޫނަކަށް ވެގެންދާއިރު އޭގައި ހުރި، ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ހިސާން ހުށަހެޅުއްވި ބިލާ ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭޭ އަދާލަތު ޕާޓީގެ އިސްވެރިން ވަނީ ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އަދާލަތު ޕާޓީން ވަނީ ބިލާ ގުޅޭގޮތުން ހުރި ކަންބޮނޑުވުންތައް ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި އަދާލަތު ޕާޓީން ފާޅުކުރި ކަންބޮނޑުވުންތަކަށް ހައްލުހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް ބުނެ އެ ޕާޓީން މިއަދު ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އަދާލަތު ޕާޓީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިނާއި ޑރ. އިޔާޒު ލަތީފްގެ އިތުރުން ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑަޑައިގަތެވެ.
ހިސާން ހުށަހެޅުއްވި ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ. އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ރާއްޖޭގައި ފާޅުގައި އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ލިބިގެންދާނެ ބޮޑު މިނިވަންކަމަކަށް ވާނެ އެވެ. އެހެންވެ، އެ ބިލް އަނބުރާ ނެގުމަށް ގޮވާލައި 101 އިލްމުވެރިޔަކު ސޮއިކޮށް މިދިޔަ ހަފުތާގައި ރައީސަށް ޕެޓިޝަނެއް ފޮނުވާފައިވެ އެވެ.