ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީ ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވި ހާއްސަ މަންދޫބު އައްބާސް ފާއިޒްއާ މަޖިލީހުގެ 241 ކޮމެޓީގެ މެމްބަރުން ބައްދަލުކުރައްވައިފި އެވެ.

ފާއިޒްއާއެކު ކޮމިޓީން ބައްދަލުވުން ބޭއްވީ އިއްޔެ މެންދުރު އެވެ. އެ ބައްދަލުވުމުގައި ފާއިޒް ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. އެއީ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުންނާމެދު ޝަރީއަތްކުރެވި ނިހާއީ ހުކުމަކާ ހަމަޔަށް ވާސިލްވަންދެން ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފާއިޒްއަކީ އެމްޑީޕީ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ފާއިޒަކީ އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާ ބައްރުގެ އިޖްތިމާއީ ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ މާހިރެކެވެ. އަދި އޭނާއަކީ ދެކުނު އޭޝިއާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ.

ޕާލިމެންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި އެމްއެމްއޭގެ އިސްވެރިން މީގެ ކުރިން ވަނީ ހާޒިރުކޮށްފަ އެވެ.