އަންނަ ޖުލައި މަހު އެއް ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދަން ސަރުކާރުން ހުއްދަ ދީފި އެވެ.

ޖުލައި މަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެކަން އިއުލާނުކުރެއްވީރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު މީގެ ކުރިން ވިދާޅުވެފައި ވަނީ ހަފްތާއެއްގެ ތެރޭގައި މާލޭޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޝްވަރާކުރަމުންދާ ކަމަށެވެ.

މިދިޔަ އޭޕްރިލް އަދި މޭ މަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެކަމަށް ނިންމައިފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކާފިއު ވަގުތު ރޭގަނޑު 8 އިން ފަތިހު ހަތަރަކަށް ކުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބޭރުގައި އުޅެން ފުލުހުން ދީފައިވާ ހާއްސަ ހުއްދަ އުވާލާ އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.