ސަރުކާރުގެ އޮފީސްތަކުން އިތުރު ގަޑީގެ ގޮތުގައި ދޭ ފައިސާއި އެލަވަންސްތަކަށް ދޭ ފައިސާ އިތުރުވާތީ، އެލަވަންސް ހަރަދުތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހަދަން ނިންމައި އެކަންކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސުން ކޮށްފައިވާ އެ އިއުލާނުގައި އާންމުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)ގައި ހުރި މައުލޫމާތުން އެގޭގޮތުގައި، ދައުލަތުގެ ރިކަރަންޓް ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގަނީ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އެ އިނާޔަތްތަކުގެ ތެރެއިން ވޭތުވެ ދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް އިތުރުވީ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ އޯޓީ އެލަވަންސެވެ.

އެހެންކަމުން އެލަވަންސްތަކާ ނުބައްދަލު ގޮތަކަށް އިތުރު ގަޑީގެ ފައިސާ އިތުރުވާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި މިހާރު ހުރި އުސޫލުތަކާއި ގަވާއިދުތަކަށް އަމަލު ނުކުރުމާއި އެކަށީގެންވާ ވަރުގެ މިންގަނޑުތަކެއް ކަނޑައެޅިފައި ނެތުން ފިނޭންސްއިން ފާހަގަކުރި އެވެ.

އޮޑިޓު ކުރުމުގެ މައިގަނޑު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި ސަރުކާރު އޮފީސްތަކުން ހޭދަކޮށްފައިވާ ގޮތްތަށް ދެނެގަތުމެވެ. އަދި އެ މައުލޫމާތުގެ ޒަރިއްޔާއިން އޯޓީ އެލަވަންސް ފައިސާއާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާ ކުރަން ކުރަންޖެހޭ ކަންކަމުގެ ލަފާ ހޯދުމެވެ.

އެގޮތުން އޮޑިޓް ކުރާ ފަރާތުން އިތުރު ގަޑީގެ ފައިސާއާ ގުޅިގެން އެ އޮފީސްތަކުން ގެންގުޅޭ ނިޒާމު ދިރާސާކޮށް، ގަވާއިދުތަކާއި އުސޫލުތަކަށް ބޯލަނބާފައި ވަނީ ކިހާވަރަކަށްތޯ ކަނޑައަޅަން ޖެހޭނެ އެވެ. އަދި މިހާރު އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން އޯޓީ ފައިސާއާ ގުޅޭ ކަންކަން ބަލަހައްޓަން ފުދޭތޯ ކަނޑައަޅައި، މި ކަންކަން އިތުރަށް ހަރުދަނާ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަންނަން ވެސް ޖެހޭނެ އެވެ.

އިތުރު ގަޑީގެ ފައިސާއާ ގުޅޭ އޮޑިޓުގެ ތެރެއިން ކުރެވޭ ބައެއް މުހިންމު މަސައްކަތްތައް އިއުލާނުގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން:

  • އޯޓީ އެލަވަންސާ ގުޅޭ އުސޫލުތައް މުރާޖާކުރުން: ސަރުކާރު އޮފީސްތަކުން ގެންގުޅޭ އުސޫލުތައް މުރާޖާކޮށް މިހާރަށް ވުރެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް އޮޓީ އެލަވަންސާ ގުޅިގެން އެކުލަވާލަން އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ލަފާ ހުށައެޅުން. މި މަސައްކަތުގެ ތެރެއިން ކުރިން ހެދި އޮޑިޓްތަކުގައި ރަނގަޅު ކުރަން ބުނި ކަންކަން ތަންފީޒުކުރެވުނީ ކިހާ ވަރަކޮށްތޯ ދެނެގަތުން
  • އޮޑިޓް ކުރާ ސަރުކާރު އޮފީސްތަކުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އޯޓީ ފައިސާއަށް ކުރި ހޭދައިގެ އެނަލިސިސް ހެދުން، އޯޓީ އަށް ބަޖެޓު ކުރެވުނު ފައިސާ އަދި އަސްލު ހަރަދު އަޅާކިޔުމާއި މުސާރައިގެ ތެރެއިން އޯޓީ ފައިސާގެ އިންސައްތަ ދެނެގަތުން
  • އޯޓީ އެލަވަންސް ގިނައިން ލިބޭ މުވައްޒަފުންނަކީ ކޮބައިކަމާއި ކީއްވެގެންކަން ދެނެގަތުން، މުސާރައިގެ ނިސްބަތުން އޯޓީ އެލަވަންސް އިތުރުވާން މެދުވެރި ވަނީ ވަޒީފާގެ މަސްއޫލިއްޔަތުގެ ސަބަބުންތޯ ބެލުން ނުވަތަ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެވޭތީތޯ ނޫނީ އެކަށީގެންވާ ވަރަކަށް މުވައްޒަފުން ނެތުމުގެ ސަބަބުންތޯ ދެނެގަތުން. އަދި އޯޓީ ފައިސާ އާއި ގުޅިގެން އެއްވެސް ކަހަލަ އޮޅުވާލުމެއް ނުވަތަ ނާޖައިޒު މަންފާއެއް ލިބުނުތޯ ދެނެގަތުން
  • ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ގިންތިކޮށް، އެ މީހުންނަށް އޯޓީ އެލަވަންސް ދިން ސަބަބުތައް ދެނެގަނެ އަޅާކިޔުން

ސަރުކާރުގެ އޮފީސްތަށް އޮޑިޓް ކުރުމުގެ މަސައްކަތް ފަށާނީ އޮގަސްޓު އެއް ވަނަ ދުވަހު އެވެ. ފިނޭންސުން ބުނާ ގޮތުގައި ސަރުކާރު އޮފީސްތަކުގެ އޯޓީ ފައިސާއާ ގުޅޭ އޮޑިޓް ފަށާނީ އަންނަ އޮގަސްޓް މަހުގެ އެކަކުން ފެށިގެންނެވެ. އަދި އޮޓިޑް ކުރާ ފަރާތުން އެ ދުވަހުން ފެށިގެން ހަ ހަފުތާގެ ތެރޭގައި ފައިނަލް ރިޕޯޓް ނިންމާފައި ފިނޭންސަށް ފޮނުވަން ޖެހޭނެ އެވެ.