މާލޭގެ މޭޔަރު ކަމަށް ނުހޮވުނު އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރަށް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަނަސްއަށް ސްޓޭޓް މިނިސްޓަރުކަމުގެ ލިޔުން މިއަދު ހަވާލުކުރައްވާފަ އެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ބޮޑުތަފާތަކުން ބަލިވި އަނަސްއަކީ، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަނަސް އަދާކުރައްވާފައި ވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިން ޕާޓްނަރުގެ މަގާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމު އޭނާ އަދާކުރައްވާފައިވެ އެވެ.

މީގެ އިތުރުން، އަނަސްއަކީ ސަރުކާރުގެ އެކި އިދާރާތަކެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެ އެވެ.