ރާއްޖޭގައި ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 292،000 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 1،169 މީހަކު އަލަށް ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ފުރިހަމަ ކުރި 608 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ފުރިހަމަ ކުރި 561 މީހުންނެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 292،905 އިތުރުވެފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 1،029 މީހުން ޖަހާފައިވެ އެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 456 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 573 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 341،009 އިތުރުވެފަ އެވެ.

މިމަހުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ވެކްސިން ޖެހޭ އާބާދީގެ އެންމެން ވެކްސިން ޖެހުމަށާއި ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ވެސް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.