ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގް ކުރުމަށް ރައީސް އިބްރާހިމް ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ލަދުގަންނަ ވަރުގެ ޗެޓް ލޮގްތަކެއް އެބަ ހުރި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ ރޭ ކްލަބް ހައުސް މެދުވެރިކޮށް ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުނެވެ.

މިޕްރޮގުރާމްގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ އައްސަދާއި ޝިއުނާ ވެސް އުޅުއްވަނީ ބޭރުފުށުން އެ ބޭފުޅުންނަކީ ވަރަށް އިޚްލާސްތެރި، ނަޒާހަތްތެރި ބޭފުޅުން ދައްކައިގެން ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ނަޒާހަތްތެރި ކަމާއިމެދު ސުވާލު އުފެދޭނެ އެތައް ހެއްކެއް ހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝިއުނާއާއި އައްސަދުގެ ނަޒާހާތްތެރިކަން ގެއްލިގެންދާނެ ޗެޓުލޮގުތަކެއް ހުރިކަމުގައި ވިދާޅުވި ނަމަވެސް އެ ޗެޓްލޮގުތަކާ ގުޅޭ އެއްވެސް ތަފުސީލެއް މަހުލޫފު ހާމަނުކުރައްވަ އެވެ. އަދި އެ ޗެޓް ލޮގުތަކުގައި ދެކެވިފައިވާ ވާހަކަތަކުގެ ތަފުސީލުވެސް ހާމަކުރައްވާފައިނުވެއެވެ. އެހެންނަމަވެސް އޭނާއާ ދެކޮޅަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ކަންކަމުގައި އައްސަދާއި ޝިއުނާ ބައިވެރިވެވަޑައިގަންނަވާ ކަމުގެ ތުހުމަތު މަހުލޫފުވަނީ ފާޅުކުރައްވާފަ އެވެ.

މިޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުއްވައިފިނަމަ މުޅި ދައުލަތް" އޮރިޔާން" ވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކުރެވަރުގެ މައްސަލައަކަށް ވާނެކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ސަޓަޑޭ ފޮރެންސިކްސްގަ މި ބުނަނީ އަންނާށޭ ކޯޓުގައި ޓެސްޓިފައި ކުރަން. އޮންލައިންކޮށް ބައިވެރި ކުރުވަން އެބަ އުޅޭ. އެ ވެސް އަދި ލާރި ވެސް ދޭ ގޮތަށް. ކޯޓުގައި ހެކިބަސްދޭ މީހުންނަށް ދައުލަތުން ލާރިދޭ ގޮތަށް ދިޔައިމަ ކިހާ ބޮޑު ޖޯކެއް ތޯ؟" މިނިސްޓަރު މަހްލޫފު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ޕީޖީ އޮފީހަށް ފޮނުއްވުމުން ރައީސް ސޯލިހު ވަނީ އޭނާގެ މަޤާމުގެ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އޭނާ މަޤާމުގެ ޒިންމާތަކުން އެކަހެރިކޮށްފައިވާތާ ގާތްގަނޑަށް ދެ މަސްދުވަސް ވަނީ ވެފަ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް ޕީޖީ އޮފީހުގައި މަހުލޫފް ވަނީ ދާދި ފަހުން އެދިވަޑައިގެންފަ އެވެ. މީގެ ކުރީންވެސް މަހުލޫފް ވަނީ މައްސަލައިގައި ގޮތެއް ނިންމެވުމުން ލަސްކުރަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.