ކ. ރަސްފަރީ ފަރަށް ފާއިތުވި ބުރާސްފަތި ދުވަހު އުރުނު އާގު ބޯޓު ތިލަކޮށް ފަރުން ނެގުމަށް ލަންކާއިން ޓަގު ބޯޓެއް ގެންނަން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ ބޯޓު ނިސްބަތްވާ ކުންފުނިން މިހާރު އެ މީހުންގެ އެޖެންޓަކަށް އެންޓާކް މޯލްޑިވްސް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބޯޓު ފުންކުރުމަށް ލަންކާއިން ޓަގު ބޯޓެއް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ރަސްފަރީ ފަރަށް އާގު ބޯޓެއް އަރައިގެން އެކަން ރިޕޯޓުކޮށްފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހުގެ 12:48 ހާއިރު އެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި ނަވިއޮސް އަމަރިލްސް، ބޯޓު އުރުނީ އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. އެ ބޯޓަކީ ގްރީކް ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ.