ކޮވިޑުން ދިފާއުވުމަށް ކޮންމެ ވެކްސިނެއް ޖަހާފައި ހުއްޓަސް ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށް އައިޖީއެމްއެޗް ޑޮކްޓަރު އަދި ކޮވިޑް ވެކްސިން ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފައިޒާ ވެކްސިންގެ އިތުރު ޑޯޒެއް ޖަހަން އެޕޮއިންޓްމަންޓް ހޯދަން އެޗްޕީއޭ އިން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ދާއިރާގެ މާހިރުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ދެ ޑޯޒު ފުރިހަމަކުރި މީހުންގެ ތެރެއިން، ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން އިތުރު ޑޯޒެއް، ނުވަތަ ބޫސްޓާ ޝޮޓެއް ޖެހުމަށް ލަފާދީފަ އެވެ. އަދި އެ ފަރާތްތަކަށް ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ޑޮކްޓަރު މުހައްމަދު .އަލީ މިރޭ ވިދާޅުވީ ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޝޮޓް ޖެހޭނީ ކޮވިޑުގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން މިވަގުތު ވެކްސިންގެ ބޫސްޓާ ޝޮޓް ޖެހުމަށް ހަމަޖެހިފައި ވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނަށާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި، ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން ކޮންމެ ވެކްސިނެއް ޖަހާފައި ހުރި މީހެއް ވިޔަސް ބޫސްޓާ ޑޯޒުގެ ގޮތުގައި ދޭނީ ފައިޒާ ވެކްސިން،" ޑރ. މުހައްމަދު ވިދާޅުވި އެވެ.

އެޗްޕީއޭ އިން ވަނީ ގަވާއިދުން ޑަޔަލިސިސް ހަދަމުން ގެންދާ މީހުންނާއި، ކެންސަރު ބަލީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި، އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނަށާއި، ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ މީހުންގެ އިތުރުން، ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތަކާއި އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތަކަށް ވެސް ވެކްސިންގެ ތިންވަނަ ޑޯޒު ޖެހޭނެ ކަމަށް ނިންމައިފަ އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ދޭން ވަނީ ފަށައިފަ އެވެ.