ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އއ. ހިނަމްދޫ ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އއ. ހިނަމްދޫ ބަނދަރު ހުޅުއްވައިދެއްވައިފި އެވެ. ހިމަންދޫ ބަނދަރު ހުޅުވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށްވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިމަންދޫގެ ރައްޔިތުން ހުށަހެޅި އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރުކަމަށާއި, އެކަން ފުރިހަމަވެފައިވާކަމަށެވެ. އެހެންކަމުން ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ސާލިހު ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވުން

ހިމަންދޫގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމާއި ފުޓް ބޯޅަ ދަނޑުގެ މަސައްކަތްކުރިޔަށްދާކަމަށާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާރު ފެށުމަށް ތައްޔާރުވަމުންދާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އއ. ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 252,45 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 147 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ. އަދި 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢު އަކީ 93.49 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.