ތަރައްގީގެ ވާހަކަވިޔަސް އަދި އެހެން ވާހަކައެއް ވިޔަސް ދައްކަންވާނީ ގައިން ތާހިރު ވެގެން ކަމަށާއި އެކަން އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ޖުމްހޫރީ ދުވަހު ރައީސް ސާލިހު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ސާލިހަށް ތުހުމަތުކޮށް ދެކެވޭ ވަރަށް ގިނަ ވާހަކަތަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގަންނަވަން އެބަޖެހޭ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 37 މިލިއަނަށްވުރެ ގިނަ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ވިދާޅުވުމުން އެމަނިކުފާނު އެބަޖެހޭ އެއަށް ޖަވާބުދާރީވެ ވަޑައިގަންނަވަން. އެތުހުމަތުން އެބަޖެހޭ ބަރީއަވެ ވަޑައިގަންނަވަން. ބަރީއަވެވަޑައިގަތުމަށްޓަކައި، ގައިން ތާހިރުވުމަށްޓަކައި މަނިކުފާނުކުރައްވަން ވީ ކަމަކީ މަސްއޫލިއްޔަތުން އެއްފަރާތްވެވަޑައިގަތުން. އަމިއްލަފުޅަށް މިމައްސަލަ އޭސީސީއަށާއި އެހެން މުއައްސަސާތަކަށް ހުށައަޅައިގެން ބެލޭނެ މަގު ސާފުކޮށްދިނުން،" އަދުރޭ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ގިނަ ޣައްދާރުން ނިސްބަތްވަނީ އެމަނިކުފާނު ވެސް މިއަދު ނިސްބަތްވާ އާއިލާއަށް ކަމަށް އަދުރޭ ވިދާޅުވި އެވެ. ކެރަފާ އާއިލާއާއި ސިއްކަ އާއިލާ ގައިންތާހިރުވެގެން ނޫނީ މިބޭފުޅުންނަށް ސިޔާސީ ވާހަކައެއްވެސް އަދި އެހެންވާހަކައެއްވެސް ނުދެއްކޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚު ދައްކާ ހަގީގަތް ހާމަވާއިރު އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އާއިލާއަށްވުރެ ނުތާހިރު އާއިލާއެއް ނެތޭ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައަކަށް ނުވާނެ ކަމަށެވެ.

އަދުރޭ ވަނީ ރައީސް ސޯލިހު ދެއްކެވި ވަރަށް ގިނަ ވާހަކަތަކަށް ރައްދުދެއްވާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ "ރަނގަޅު ކުރަންޖެހޭ" އެންމެ ފުރަތަމަ ކަމަކީ ރައީސް ސޯލިހު މަގާމުން އިސްތިއުފާދެއްވުން ކަމަށެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވައިގެން ނޫނީ ސަރުކާރު ވެސް ދައުލަތް ވެސް ރަނގަޅުކުރެވެން ނެތް ކަމަށެވެ.

ޖުމްހޫރީ ނިޒާމަކީ އަދާވާތްތެރިކަމާއި ހަތުރުވެރިކަމުގެ ނިޒާމަކަށް ނުވާއިރު މަނިކުފާނު ވެރިކަމަށް ވަޑައިގެންފައި ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ ބާރު ސްޕީޑުގައި މިގައުމާއިގެން ދަތުރު ކުރެއްވި ގިނަ ބަޔަކު އުއްމީދުނުކުރާހާ ގިނަ ތަރައްގީ ގެނެސްދެއްވި ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރައްވަމުން ގެންދަވަނީ ކޮން ނިޒާމެއްގެ ތެރެއިންތޯ އަދުރޭ ސުވާލު ކުރެއްވި އެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ރައީސް ޔާމީންގެ ޝާރީއަތަށް ނުފޫޒު ފޯރުވަނީ ކޮން ހަމައެއްގެ ތެރެއިންތޯ އެއްސެވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މީގެ ކުރިން ސިޔާސީ ހަލަބޮލިކަން އުފެއްދީ ކޮންބައެއްތޯ އައްސަވަމުން އަދުރޭ ވިދާޅުވީ 2005 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކޮށްލީ އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ އެކުވެރިޔާ ކެނެރީގޭ މުހައްމަދު ނަޝީދު އިސްވެ ހުރެގެން ކަމަށެވެ. ދިވެހިރާޖެއަކީ އަމާންކަމާ އޮމާންކަމާއެކު ހިނގަމުންއައި ވެރިންނަށް އިހްތިރާމްކުރާ ރައްޔިތަކު ދިރިއުޅޭ ރާއްޖެއެއް ކަމަށާއި ހަރުމީހުންނާއި އުމުރުން ދޮށީ މީހުންނަށް އިހްތިރާމާ ގަދަރާ ލޯބި ދީގެން ރައްޔިތުން އުޅުނު ރާއްޖެއެއް ކަމަށެވެ.

"މިހުރިހާ ކަމެއް ނަގާލާ ދިވެހިރާއްޖެ ހަލަބޮލި ކޮށްލީ ރައީސް ސާލިހާއި ކެނެރީގޭ މުހައްމަދު ނަޝީދު އިސްވެތިބެގެން. އެމަންޒަރު ފެނިވަޑައިގެންނެވި ވާހަކަތޯ މަނިކުފާނު ރޭގަ އެ ވިދާޅުވީ އަޅުގަނޑު ހަމަ ސުވާލު ކޮށްލަން ބޭނުން. ނޫންނަމަ 2008ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު ނިމިގެން ދިއުމުން 8 ފެބްރުއަރީގައި ރާއްޖޭގައިހުރި ޕޮލިސް ސްޓޭޝަންތަކާއި އެހެންވެސް ސަރުކާރުގެ އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާ އަންދާލި އަންދާލުން މަނިކުފާނަށް ފެނިވަޑައިގަތް ގަތުން އެއީތޯ މަނިކުފާނަށް ފެނިވަޑައިގެންނެވި ސިޔާސީ ހަލަބޮލި ކަމަކީ އަޅުގަނޑު މިރޭ މަނިކުފާނަށް ދަންނަވާލަން ބޭނުން،" އޭނާ ވިދާޅުވި އެވެ.

ރައީސް ސާލިހުގެ ސަރުކާރު ސާފުތާހިރު ސަރުކާރަކަށް މިވީ ދައުލަތުގެ ހަޒާނާ އެއްކޮށް ހުސްކޮށްލީމަތޯ އަދުރޭ ސުވާލުކުރެއްވި އެވެ.ގައުމިއްޔަތުގެ ބަހާތަކުގައި ގަދައަޅާ ހިފަހައްޓާން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ސާލިހު ދެއްކެވި ވާހަކަފުޅާ ގުޅިގެން އަދުރޭ ވިދާޅުވީ މިސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި އެމްޑީއެން ކިޔާ ޖަމާއަތަކުން ﷲގެ ޒާތުފުޅާމެދު ސުވާލު އުފައްދާ އިސްލާމްދީނަށާއި ރަސޫލާއަށް ހަޖޫޖަހާ ފުރައްސާރަކޮށް ރިޕޯޓެއް ނެރުނީމާ އެމީހުންނާ ދޭތެރޭއެއް ވެސް ފިޔަވަޅެއް ނޭޅުމަކީ އެ ވިދާޅުވާ ބަހާތައް ދޫކޮށްނުލުންތޯ އެވެ. އަދި އިންޑިޔާ ސިފައިން ބައިތިއްބައިގެން މިހިނގަމުންދާ ކަންތައްތަކުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރަމުންދާތަން އެމަނިކުފާނަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯ އަދުރޭ ސުވާލު ކުރެއްވި އެވެ.