ގެއެއްގެ ކުޑަ ދޮރު ފަޅާލައި ވައްކަން ކުރި ބަޔަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ވައްކަންކުރި ވީޑިއޯއެއް ހިއްސާކުރަމުން ފުލުހުން ބުނީ އެ މީހުންނަކީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަން ކޮށްފައިވާ ދެ މީހުން ކަމަށެވެ.

ފުލުހުން ބުނީ އެދެމީހުން ހޯދަން އިއުލާނުކޮށްފައި ވަނީ ގެއަކަށް ވަދެ ކުޑަދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވުމުން ކަމަށެވެ. އަދި އެދެމީހުންނަކީ ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ދެ ފިރިހެނެއް މަގުމަތިން ހިނގާފައިދާ މަންޒަރު ފެނެ އެވެ.

ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރަށް ގުޅައި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ އެހީތެރިކަން ފާހަގަކުރައްވައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.