ވިހި ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނައި 20 އެމްބިއުލަންސްގެ ދެވަނަ ޝިޕްމަންޓް، ކަސްޓަމްސް އިން ކްލިއާކޮށް އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ގެނައި އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް އެވެ.

އެސްޓީއޯއިން ބުނިގޮތުގައި ބާކީ ހުރި އެމްބިއުލާންސްތައް ވެސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތަކަށްވާއިރު، ބަލި މީހުން ބަރޯއާއި ގާޑިޔަލުގައި އުފުލާ މަންޒަރުތައް އާންމުވެ، ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށުން ގިނަ ދަތިތަކާ ކުރިމަތިވަމުންދެ އެވެ.