އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މިއަދު ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވީ މިއަދު ހެނދުނު 9:30 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑަށް ފަރުވާދެމުން ގެންދަނިކޮށް މިމަހު މަރުވި ފަސްވަނަ މީހާ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ އުމުރުން 77 އަހަރުގެ އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 255 އަށް އަރާފަ އެވެ. ރާއްޖެއިން މިހާތަނަށް 92،221 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 90،205 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 19 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.