ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގި މައްސަލާގައި 12 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ހުށަހެޅި މައްސަލަ އިތުރަށް ފުރިހަމަކުރުމަށްފަހު އަލުން ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ތިން ވަނަ ފަހަރަށް ފޮނުވުމުން ވެސް މިއަދު އަނބުރާ ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ވެންޓިލޭޓަރުގެ މައްސަލަ އަނބުރާ ފޮނުވާލީ އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ. އެ އިސްލާހުތަކަށް ފަހު މައްސަލަ އަލުން ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެ ތެރެއިން އެއްވެސް ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުގީގު ވަކިން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މައްސަލައިގައި އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފަ އެވެ. އެ މައްސަލަ މިިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީއަށް ފޮނުވުމުން އެ އޮފީހުން ނިންމީ ތަހުގީގުކޮށްފައި އޮތް ގޮތުގެ މައްޗަށް ބުރަވެ އެއްވެސް ފަރާތަކަށް ދައުވާ ނުކުރުމަށެވެ.

ނަމަވެސް އެ މައްސަލާގައި ޕީޖީ ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރިމަތިކުރި ޕްރެޝަރުތަކާ އެކު އެ މައްސަލަ އަލުން މުރާޖާކޮށް އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއަށް އެންގި އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ، އޭސީސީއާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ.