ޅ. އޮޅުވެލިފުށި ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންފި އެވެ.
އޮޅުވެލިފުއްޓަށް ރައީސް މިއަދު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ސުވާލުތަކަް ޖަބާބުދެއްވާފަ އެވެ. އަދި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އޮޅުވެލިފުށީގެ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާފަ އެވެ.
އެގޮތުން އެރަށުގެ ބަނދަރު ފުންކުރުމުގެ ތެރެއިން ލިބޭ ވެލި ބޭނުންކޮށްގެން އޮޅުވެލިފުށި ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ދެ ހެކްޓަރުގެ ރަށެއް ހެދިދާނެކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި ޕިކްނިކް އައިލެންޑެއް ހަދާނަމަ، އޮޅުވެލިފުއްޓަށް ބައެއް ބަދަލުތައް އައުން އެކަށީގެންވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެކަމާއި ގުޅޭ ދިރާސާތައް ހެދުމަށްފަހު އެމަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
ނަމަވެސް އޮޅުވެލިފުށީގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް ފެށޭނެ ވަކި ތާރީހެއް ރައީސް ވިދާޅެއް ނުވެ އެވެ.
މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދެ ހެކްޓަރުގެ ރަށެއްނަމަ އޮޅުވެލިފުށީގައި ޕިކްނިކް އައިލެންޑެއް ހަދައިދެވިދާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އޮޅުވެލިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި 100 އިންސައްތަ އަވިން އުފައްދާ ކަރަންޓު ބޭނުންކުރާ ރަށަކަށް އޮޅުވެލިފުށި ހެދުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ، އޮޅުވެލިފުށި ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.