ރަމަޟާން މަހަކީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަހަށްވުމާއެކު މި މަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް ނިންމި ނިންމުން ބަދަލުކުރަންޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ހިޔާ ފްލެޓުން ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ ނިންމުން ބަދަލުކޮށް ކުލިނަގަން ފަށާ ތާރީޚް ފަސްކުރުމަށް މޭޔަރު ގޮވާލެއްވި އެވެ.
ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ނިންމާފައި ވަނީ ފްލެޓް ލިބުނު މީހުން ދަރަނިވެރިވެގެން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރަން ނިންމި މަގްސަދާ ހިލާފު ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ލޯނު ނަގައިގެން ހިޔާ ފްލެޓް ހަދާފައިވާތީ އެ ފްލެޓްތަކުގެ ވެރީންނަށް އިތުރު ލުއިތަކެއް ދޭންޖެހޭ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ފިނިޝިންގެ މަސައްކަތަށް ޚަރަދުވި އަގުގެ އެވަރެޖް އަގެއް ބެލުމަށްފަހު, ފްލެޓް މިލްކު ކުރުމަށް ދައްކަންޖޭ އަދަދުން އެބައި އުނިކޮށްދިނުމަށް މޭޔަރު ގޮވާލެއްވިއެވެ.
މޭޔަރު މިހެން ވިދާޅުވިނަމަވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ކުރިން ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރަން ނިންމުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މިހާތަނަށް ސަރުކާރުން ހިޔާ ފްލެޓުން ކުލި ނުނަގައި މަޑުކޮށްލީ ފިނިޝިންގެ މަސައްކަތް ނިންމަން ވަގުތު ދިނުމަށެވެ. ނަމަވެސް އަދިވެސް ބައެއް ފްލެޓްތަކުގެ ފިނިޝިން ނުނިމެއެވެ.