ގއ. ވިލިނގިލީގައި ހަތަރު މީހަކަށް އަނިޔާކޮށް އޭގެތެރެއިން އެކެއްގެ އިނގިލި ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޗެރީހައުސް، އަލީ ހަސަން އެވެ. އުމުރުން 35 އަހަރުގެ އަލީ ހަސަންގެ ދަތުން ބުރިކޮށްލީ އޭނާގެ ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިއްޔެވެ.

ރޭ މެންދަމުގެ ވަގުތެއްގައި ކުރީގެ އަނބިމީހާގެ ގެއަށް އަލީ ހަސަން ދިޔައީ ފަތިސް ނަމާދަށް ގެންދަން އޭނާގެ ދެ ދަރިން ބަލައި ކަމަށް ބުނެ އެވެ. އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރޭގައި އޭނާގެ ކުރީގެ އަނބިމީހާ ވެސް ހިމެނެ އެވެ.

ކުރީގެ އަންހެނުންގެ ދައްތަގެ އިނގިލި އަލީ ހަސަންގެ އަނގައިން ބުރިކޮށްލާފައި

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ 39 އަހަރުގެ އަންހެނެއްގެ އިނގިލި ބުރިކޮށްލައި 60 އަހަރުގެ އަންހެނެއްގެ އިނގިލި އޭނާ ބިންދާލާފައިވާ ކަމަށެވެ. އަދި އަހަރުގެ އަންހެނެއްގެ މުލަށްދަޑީގައި ދަތް އަޅައި 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި ފަޅާލާފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލީ ހަސަން ހައްޔަރުކުރީ އެރަށު މިސްކިތެއްގައި އިންދައެވެ. ޝަރީއަތް ނިމެންދެން އޭނާ ޖަލަށްލުމަށް ވިލިނގިލީ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ގާޒީގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އޭނާ 150 ދުވަހަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.