އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ކުރަމުންދަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވުމުން ދެ ލައްކައެއްހާ ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އޯޝަން ސަވެއަރ ނަމަކަށް ކިޔާ އުޅަނދެއް ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް އެ އުޅަނދުގައި ބޭނުންކުރަމުން އައި HiPAP ސިސްޓަމްގެ USBL ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން އެ އެޖެންސީއަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ، އެމްއެންޑީއެފްގެ ކޯސްޓްގާޑާ ގުޅިގެން އެ އެޖެންސީން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެސަރަހައްދަށް ފީނައިގެން ކުރި ސާވޭގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އީޕީއޭއިން ހާމަކުރެ އެވެ.

އީޕީއޭ އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައި ވަނީ 198,112.73 ރުފިޔާ އިންނެވެ. އެ އަދަދުން ޖޫރިމަނާކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި، 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަންގާރަދުވަހު އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުނެ އެވެ.