ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ހުރިހާ ޝަކުވާތަކެއް ބަލައި، އެއަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން، ހިޔާ ފްލެޓްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ތައާރަފްކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައީސް އޮފީހަށް އަންނަ އެކިއެކި ޝަކުވާތައް ވީހާވެސް ކައިރިން ބެލުމަށްޓަކައި ސީދާ ނައިބު ރައީސް ފައިސަލް ނަސީމް އިސްވެ ހުންނަވައި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު އެކުލެވޭގޮތަށް ދުވަހުން ދުވަހަށް މި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި، އެއަށް ޙައްލު ހޯދުމަށްޓަކައި އަޅުގަނޑާ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، ދޭން ބޭނުންވެފައިވާ ޚިދުމަތްތަކާ ގުޅިގެން މި އަންނަ ޝަކުވާތައް ވަރަށް ކައިރިން އަޅުގަނޑުމެން މިގެންދަނީ ބަލަމުން. އަދި އެކަމަށް މިހާރުން މިހާރަށް ގެނެވެން އޮތް ޙައްލެއް ގެނެސް އަދި ކުރެވެން އޮތް ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ޞިއްޙީ ޚިދުމަތް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން ދިނުމަށްޓަކައި ތިން ކްލިނިކަކާއި، ތިން ފާމަސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އޭގެއިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ހޮސްޕިޓަލާއި، އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗްޑީސީން އެގެންދަނީ ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، މަގުތައް ހެދުމުގެ ގާތްގަނޑަކަށް 85 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރޭ އިފްތިތާޙު ކުރި ބަހުގެ ޚިދުމަތަކީ، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންޖެހިފައި އޮތް ޒަރޫރީ ބޭނުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބޭނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، ހުޅުމާލެ ފޭސް 2 ހިއްކާ، މިކަމުގައި ދިވެހިންނަށް ޚާއްޞަކޮށް، މާލޭގެ ރައްޔިތުން ދިރިއުޅެން އަމާޒުކޮށްގެން މަސައްކަތް ފެށިއިރުގައި، މިތަނަށް ބޭނުންވާ، ވަރަށްގިނަ ޢާންމު ޚިދުމަތްތަކެއް ނުފެށި އޮތް. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމާ އެކީގައި، މަސައްކަތް ކުރަން ފެށްޓީ، އޭރު ކުރަން ފަށާފައި ހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމަން،" ރައީސް ވިދާޅުވި އެވެ.