ހުޅުމާލެ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ން ހަދިޔާ ފޮށި ދޭން ފަށައިފި އެެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިން ވެސް، މާލޭގައި އަލަށް އުފަންވާ ކުދިންނަށް ވެސް އެކުންފުނިން ދޫކުރާ ހަދިޔާ ފޮށި ދީފަ އެވެ.

އޭގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި އުފަންވާ ކުދިންނަށް ހަދިޔާ ފޮށި ދޭން ފަށާފައިވާއިރު، ހަދިޔާ ފޮށީގައި ކުއްޖާގެ އިތުރުން ކުއްޖާގެ މަންމައަށް ބޭނުންވާ ބައެއް ސާމާނު ވެސް އެކުލެވެ އެވެ.

މިކަމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލަށް އުފަން ވާ ކުދިންނަށް އެސްޓީއޯއިން "ނިއު ބޯން ގިފްޓް ޕެކް" ދޭން މިހާރު ފަށާފައިވާ ކަަމަށެވެ.

އެއާއެކު މިއަދުން ފެށިގެން އެ ހޮސްޕިޓަލަށް އަލަށް އުފަންވާ ކުދިންނަށް އެ ގިފްޓް ޕެކް ލިބޭނެކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އެސްޓީއޯއިން ދޭ ގިފްޓް ޕެކްގެ ތެރޭގައި ހަގީސް ބްރޭންޑުގެ ނެޕީ، ވޮންޑަ ޕޭންޓްސް އަދި ޕިއުރިޓި ބްރޭންޑުގެ ލޯޝަނާއި ޝޭމްޕޫ ހިމެނެ އެވެ. އޭގެ އިތުރުން ފެންވަރުވާ ޒާތުގެ އެކި ސާމާނު ވެސް ހިމެނެ އެވެ.