ސިފައިންގެ ކިބައިގައި ހުންނަން ޖެހޭ އެއް ސިފައަކީ، އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން ކަމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ނިމި، އެ ސިފައިންނަށް ބަޑި ހަވާލު ކުރުމަށް ޅ. މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ސިފައިންގެ މީހެއްގެ ކިބައިގައި ވެސް ތިން ސިފައެއް ހުރުން ކޮންމެހެން ލާޒިމް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އިސްލާމީ އަގީދާގެ މަތީގައި ސާބިތުވެ ހުރުމާއި ކޮންމެ ހާލެއްގައި ވެސް އަމިއްލަ ނަފްސަށް ވުރެ ގައުމީ ހިދުމަތް އިސްކުރާ މީހަށް ކޮންމެ ސިފައިންގެ މީހަކުވެސް ވާން ޖެހޭނެ ކަމަށެވެ.

"ތިން ވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން،" ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވެސް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ގަބޫލުކުރައްވާގޮތުގައި، ސިފައިންގެ އާއިލާއާ ގުޅުމަށް، ނިންމި ނިންމުމަކީ، މުޅި ޙަޔާތުގައިވެސް ނިންމި، އެންމެ ފުރިހަމަ އަދި އެންމެ ފަޚުރުވެރި ނިންމުން ކަމަށެވެ. އަދި މިއަދު ކުރި ހުވަޔާއެކު، ހަގީގަތުގައި އިޖާބަދެވުނީ، ގައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި އާނއެކޭ ބުނުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު ތިޔަ ޙަވާލުވީ، މި ލޮބުވެތި ވަޠަން ދިފާއު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ ވާޖިބާ. ހަމައެފަދައިން، މި ރާއްޖޭގެ ސުލްހަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ، އެއް އަޒުމެއްގައި އެއް އަމާޒަކަށް،
ރައީސް

"މިއަދު ތިޔަ ޙަވާލުވީ، މި ލޮބުވެތި ވަޠަން ދިފާއު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ ވާޖިބާ. ހަމައެފަދައިން، މި ރާއްޖޭގެ ސުލްހަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ، އެއް އަޒުމެއްގައި އެއް އަމާޒަކަށް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ފުރިހަމަ ގާބިލް އަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫން ކަމަށެވެ. އަދި އެއީ ބަދަހި ސަފުތަކެއް ކަމަށާއި އެއީ އެކަކު އަނެކަކަށް އިހުތިރާމުކުރާ، އެކަކު އަނެކަކުދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް އާއިލާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންކަމުން، ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު އެއްފަރާތްކޮށް، މުޅި ޢަސްކަރިއްޔާގެ މަޞްލަޙަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސިފައިންގެ މީހެއްގެ ގޮތުގައި ގައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ގައުމަށްޓަކައި ގުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.