އަލިމަސް ކާނިވާ ސަރަހައްދުގައި ސްރީލަންކާގެ ބަޔަކު ކުރި މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މާލޭގައި އިއްޔެ ލަންކާ މީހުން ކުރިއަށްގެންދިޔަ މުޒާހަރާގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށްފަހު އެ މީހާ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. ލަންކާ މީހާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސްރީލަންކާ ބަޔަަކު މާލޭގައި މުޒާހަރާކުރީ އެ ގައުމުގެ ސިޔާސީ މަސްރަހު ވަރަށްބޮޑަށް ގޯސްވެ ސަރުކާރާ ދެކޮޅަށް އެތައް ބަޔަކު ނުކުމެ މުޒާހަރާކުރަމުން ދަނިކޮށް އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
ސްރީލަންކާގެ ރައީސް ގޮތަބަޔާ ލަންކާ ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.