މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫ އަދި ދ. މީދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މީދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި ދ.އަތޮޅުގައި ދަތުރުކުރާ ފެރީ މީދޫ ބަނދަރާ ކައިރިކުރި ވަގުތު ފުލުހުން ފެރީއަށް އަރައި ބަލައި ފާސްކުރިއިރު, އެފެރީ ތެރޭގައި ހުރި އައިސް ބޮކްސް އެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މިމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ އޮޕަރޭޝަނަކީ ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 22 ވަނަ ދުވަހު އެރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަޝަނެކެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

މިމައްސަލައާ ގުޅިގެން އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ނުވަ ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

މި ދެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.