އެމެރިކާއިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ވަކިން ސަފީރަކު އައްޔަން ކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ވައިޓް ހައުސްއިން ބުނީ އެ ގައުމުން ރާއްޖެއަށް ހާއްސަކޮށް ކަނޑައަޅާ ސަފީރުގެ މަގާމަށް ހޫގޯ ޔޫ-ހޯ ޔޮން އައްޔަން ކުރެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޖޯ ބައިޑެން ނިންމަވާފައިވާ ކަމަށެވެ.
ހޫގޯ ޔޫ ހޯ ޔޮންއަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފީސް އަންޑާ ސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު, އެނާޖީ އެންޑް އެންވަޔަރަމަންޓްގެ އިސް މުޝީރުކަމުގެ މަގާމުގައި މި ވަގުތު ހުންނެވި ބޭފުޅާ އެވެ.
އޭގެ ކުރިން ވަގުތީ ގޮތުން ހުންނެވީ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް އޮގަނައިޒޭޝަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ކަމުގަ އެވެ. އޭގެ އިތުރުން ވެސް އޭނާއަކީ އެމެރިކާ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމެރިކާއިން ރާއްޖެއަށް ސަފީރަކު އައްޔަންކުރަން ނިންމާފައި މިވަނީ އެ ގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މީގެ ކުރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރާނެކަން ހާމަކުރައްވާފައިވަނިކޮށެވެ.
އެމެރިކާ އިން މިހާތަނަށް ސަފީރަކު ކަނޑައަޅާފައި ވަނީ ރާއްޖެ އާއި ލަންކާއަށް އެއްކޮށެވެ. އަދި ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ގެންގޮސްފައި ވަނީ ވެސް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީންނެވެ.