މަސްތުވާތަކެތީގެ ގިނަ ދައުވާތަކެއް ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި އޭނާގެ ބެންކް ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޕެސްޓާއި ދެކޮޅަށް ދައުލަތުން އޭނާގެ ބެންކު ސްޓޭޓްމަންޓް ހުށަހަޅާފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާކޮށްފައިވެ އެވެ.

އެ މައްސަލައިގެ އަޑުއެހުމުގައި ހުށަހެޅުނު ހެކީގެ ތެރެއިން އޭނާގެ ބެންކު ސްޓޭޓްމެންޓްތައް ހޯދީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި ހަވާލާދީ ކަމަށްވީ ނަމަވެސް، އެ ގާނޫނުގައި ބެންކު ސްޓޭޓްމެންޓްތައް ދިނުމަށް އެނގުމުގެ ބާރު ފުލުހުންނަށް ލިބިފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބެންކިންގެ ގާނޫނުގައި ވެސް އެފަދައިން ބަޔާންވެގެން ނެތް ކަމަށް ކޯޓުން ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން ފުލުހުން ބެންކިންގެ ސްޓޭޓްމަންޓްތައް ހޯދި ގޮތެއް އެނގެން ނެތް ކަމަށް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކުތަކުން ދޫކުރާނީ ބެންކުގެ ފަރާތުން ދޭ ސިޓީއާ އެކުގައި ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެފަދަ ސިޓީއެއްވެސް އޮތްކަން އެނގެން ނެތް ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ކޯޓުން އިތުރަށް ބުނީ، ބޭންކިންގެ ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެނގުމުގެ ބާރު ފުލުހުންނަށައި، ޕްރޮސިކިއުޓާ ޖެނެރަލަށް އޮތް ނަމަވެސް، ބެންކު ސްޓޭޓްމަންޓްތަކާއި އެކައުންޓުން ކޮށްފައިވާ މުއާމަލާތްތައް ފުލުހުންނަށް ބެލުމުގެ ބާރު ނުވާ ކަމަށެވެ. އަދި ޕެސްޓާއި ދެކޮޅަށް ހުށަހެޅި ބެންކް ސްޓޭޓްމަންޓްތަކަކީ ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭ ކަމަށް ވެސް ކޯޓުން ނިންމާފައިވެ އެވެ.