މާލޭގެ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މީހާ ހައްޔަރުކޮށްފި އެވެ.

އެ ފަށް ފޭރިގެންފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ އެވެ. ފުލުހުން މިހާރު ވަނީ އެ މިހާ ހައްޔަރުކޮށްފަ އެވެ.

އެ ފަށް ފޭރުނީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން، 32، އެވެ. އެ ސައިކަލްގެ ފަހަތުގައި އިން މީހާގެ އަމަލުތައް ހުރިގޮތުން އޭނާ އެކަމުގައި ބައިވެރިވި ކަމަށް ވީޑިއޯއިން ރަނގަޅަށް ސާފުވެ އެވެ. މީގެކުރިން އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މ. ކަކޮޅަސް މުހައްމަދު އަލްތާފް 30، އެވެ.

އެ ފަށް ފޭރުނު ޝަމްލީންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް ޖަހާފަ އެވެ. އަދި ފަށް ފޭރުވުމުގައި ބައިވެރިވި އަލްތާފްގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

އަލްތާފް ކޯޓުގައި ބުނެފައި ވަނީ އޭނާގެ މަންމަ އަކީ ބަލި މީހެއް ކަމަށާއި އޭނާ ބަންދުކޮށްފިނަމަ ވަޒީފާ ގެއްލޭނެ ކަމަށެވެ. ނަމަވެސް އޭނާ އެކަމުގައި ބައިވެރިވިކަން ވީޑިއޯއިން ސާފުކޮށް އެނގެން އޮތުމުން ގާޒީ ނިންމީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށެވެ.

އަލްތާފް ތަހުގީގަށް ދިން މައުލޫމާތުގެ އެހީގައި ފުލުހުން ވަނީ ރަން ހަދާ ތަނަކަށް ވިއްކާލާފައި ވަނިކޮށް އެ ފަށް ހޯދާފަ އެވެ.