ކޮންމެ ބަޔަކާ އެކު ވެސް ކޯލިޝަން ހެދިދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި އުޅުއްވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނަމޭ ބުނަން އަދި މާ އަވަސް ކަމަށެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ވަނީ ފާސްކޮށްފައި ކަމަށެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ވަކިންތޯ ނުވަތަ ކޯލިޝަނަކާއެކުތޯ ނިންމާނީ ވެސް ޕާޓީގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭފުޅަކަށް ތާއީދު ކުރެއްވުމުގެ ގޮތުން މިހާ އަވަހަށް ވާހަކަ ދެއްކެވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޮންމެ ބަޔަކާ އެކު ވެސް އެ ޕާޓީން ކޯލިޝަން ހަދަން ޖެހިދާނެ ކަމަށާއި މަޝްވަރާގެ ދޮރު އެންމެނަށް ވެސް ވަނީ ހުޅުވިފައި ކަމަށެވެ.

"އޮފް ކޯޒް. ނޯ ޑޯ އިޒް ކްލޯޒްޑް. އެވްރީ ޑޯ އިޒް އޯޕަން އިން ފްރީ. ހުރިހާ ދޮރެއް ވަނީ ހުޅުވިފައި،" ގާސިމް ވިދާޅުވި އެވެ.