ކްރިމިނަލް ކޯޓު ހިންގާނެ އިމާރާތެއް ހޯދަން ފިނޭންސް މިނިސްޓްރީ ވެސް އެދިފައިވާނެ ކަމަށާއި ނަމަވެސް ކޯޓު ހިންގާނެ އިމާރާތެއް ނުލިބުނު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގާނެ އިމާރާތެއް ހޯދުމުގެ މަސައްކަތް އެ އިދާރާއިން ފެށީ ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫން ކަމަށް ގެޑޯ ކޮންސަލްޓިން ޕްރެއިވެޓް ލިމިޓެޑުން ލަފާދިނުމުން ކަމަށެވެ. އެ ލަފާ ދީފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު 17ވަނަ ދުވަހު އެވެ.
އެކަމާ ގުޅިގެން ކޯޓު ވަގުތީގޮތުން ހިންގާނެ އިމާރާތެއް ހޯދަން ޑީޖޭއޭ އިން ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ.
ކްރިމިނަލް ކޯޓު ހިންގާނެ އިމާރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި އެ ޑިޕާޓްމަންޓުން އެދުނެވެ. އެ މިނިސްޓްރީން ހުއްދަ ދިނީ ޑީޖޭއޭގެ ބަޖެޓުން އެ މަސައްކަތް ކުރުމަށެވެ. ނަމަވެސް އެ ޑިޕާޓްމަންޓުގައި އެކަން ކުރާނެ ބަޖެޓެއް ނެތެވެ. އެކަމަށް ހާއްސަ ބަޖެޓެއް ދޭން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ އެވެ.
އިމާރާތެއް ހޯދަން ޓެންޑާ ކުރުމުން ވެސް އެ ކޯޓު ހިންގާނެ އިމާރާތެއް ނުލިބުނު ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭ އިން ބުނީ އެންމެ ފަހުން އެޗްޑީސީއާއެކު ކުރި މަޝްވަރާތަކަށް ފަހު ކްރިމިނަލް ކޯޓު ހިންގުމަށް ވަގުތީ އިމާރާތެއް ބިނާކުރުމަށް ފަސް އަހަރުގެ މުއްދަތަށް އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުން 25.6275 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން އެ ކުންފުނިން އެއްބަސްވި ކަމަށެވެ. ނަމަވެސް ހިލޭ އެފަދަ އިމާރާތެއް އަޅައިދޭން އެޗްޑީސީން ބޭނުމެއް ނުވި އެވެ. އެހެންކަމުން އެކަން ވެސް ކުރެވޭ ގޮތެއް ނުވި އެވެ.
ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ މީހުން ތިބެން ރައްކާތެރި ތަނެއް ނޫން ކަމަށް ކޮންސަލްޓެންޓުން ވަނީ ލަފާދީފަ އެވެ. މިއަދު ބާއްވަން ތާވަލްކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ވެސް ކެންސަލް ކުރަންޖެހުނީ ކޯޓު ރޫމަށް ވާރޭ ވެހޭތީ އެވެ.