އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިވެހީން އަދާކުރަންޖެހޭ ދައުރެއް އެބަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ސިފައިން އަދާކުރަންޖެހޭ ޒިންމާ ވަރަށް ފުރިހަމައަށް ސިފައިން އަދާކުރަމުން އަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް. އެ ރަޙްމަތްތެރިކަމުގެ ތަރަހައަކީ އިޙްތިރާމާއި އިތުބާރާއި ޔަޤީންކަން. ސިޔާސީ ގުޅުންތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަށް ލިބެނީ އިޙްތިރާމާއި ޤަދަރު. އިތުރަށް ކަށަވަރުވަމުން ދަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އެ ޤައުމުތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ގައުމު ދިފާއުކުރުމުގައި، އަބަދުވެސް ކޮމާންޑް އެންޑް ކޮންޓްރޯލް އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި ކަމަށެވެ. އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމަށާއި އެއަށްވުރެ މަތީ ޒިންމާއެއް ދިވެހި ސިފައިންގެ ކޮނޑުގައި އެޅިފައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރައްވާފައެވެެ. އަދި، އެމަނިކުފާނު ވަނީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި، ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހީންނާއި ރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި، އެކަމަށްޓަކައި، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ ކަމަށެވެ. އަދި، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެކަމަށާއި އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުސަތު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ އަސްކަރީ ވާޖިބުތަކުގެ އިތުރުން މަދަނީ އެތައް ޚިދުމަތްތަކެއް ވެސް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ބައެއްކަން ހާމަކުރައްވަމުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ގަމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން އިޚްލާސްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، "އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19" ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވޮގޮތުގައި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އެތައް ގުނައެއް މިހާރު ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން ވެސް ޤައުމުގެ ދިފާއުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދިފައިވާކަމަށާއި، ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ އިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުންކަން އެމަނިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.