ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުތުރުގެެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އުތުރުގެ ހަތަރު ރަށަކަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ނައިވާދޫ އާއި ފިނޭގެ އިތުރުން ދިއްދޫ އަދި އުތީމު ކަމަށް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ އެ ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ބައެއް މަޝްރޫތައް އިފްތިތާހްކޮށްދިނުމާއި، ނިމިފައިވާ މަޝްރޫއުތައް ރައީސް ހުޅުއްވައިދެއްވާނެކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގައި ފެށިފައިވާ އާރުޓީއެލް ހިދުމަތް ބައްލަވާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.