ފުރަން ގެންދިޔަ ފޮށީގައި ބޮމެއް އޮތް ކަމަށް ބުނެގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރު ކުރި ދެމަފިރިން ދޫކޮށްލައިފި އެވެ.

އެނގިފައިވާގޮތުގައި ބޮމެއް އޮތްކަމަށް އެދެމަފިރިން ބުނެފައިވަނީ އެދެމީހުން ގެންދިޔަ ކުޑަ ފޮއްޓެއް ޗެކް ކުރަން އުޅުމުންނެވެ. އެގޮތުން ފޮށި ޗެކް ކުރަން އުޅުމުން "ތީގައި އޮތީ ބޮމެއް" ކަމަށް އެއަންހެން މީހާ ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެދެމަފިރިން ހައްޔަރުކޮށްފައިވާއިރު، އެވަގުތު އެއާޕޯޓުގައި އޭރު ހަރަކާތްތެރިވަމުން ދިޔަ މުވައްޒަފު ބުނިގޮތުގައި އެ އަންހެން މީހާ އެފަދައިން ބުނެފައިވަނީ މަޖަލަކަށެވެ.

ފުލުހުން ބުނީ ގަން އިންޓަނޭޝަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނުމާއި ގުޅިގެން އިއްޔެ ހަވީރު 17:25 ހާއިރު ފުލުހުންނަށް އެމައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެކަން އެނގުމާއި އެކު އެ މައުލޫމާތު ފުލުހުން އެމްއެންޑީއެފަށް ހިއްސާކުރި ކަމަށާއި، އެދެމަފިރިން ގެންގުޅުނު ތަކެތި އެމްއެންޑީއެފުން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.