ގާނޫނާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ބޭރުގެ މަސް ބޯޓެއް ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ކޮށްފައިވަނީ ބޯޓު އޮތް ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް އެ ސަރަހަށްދަށް ގޮސް މިއަދު 2:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ. އިސްދޫމުލީގެ އިރު އުތުރުން 15 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.