އަސާސީ ހިދުމަތްތައް ގާއިމްކުރެވިގެން ދިޔުމާއެކު އިތުރު ތަރައްގީ ފިނޭއަށް ލިބިގެންދާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ފިނޭ ބަނދަރު ސަރަޙައްދުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހދ. ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގަ އެވެ. އަދި، ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވި އެވެ. ފިނޭގައި އަސާސީ ހިދުމަތްތައް ޤާއިމް ކުރެވުމާއި އެކު، ތަރައްޤީގެ އިތުރު ފުރުޞަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ. މިގޮތުން، ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އޮތުމާއި، ދަތުރުފަތުރުގެ ނިޒާމާއި އެކު، ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ފުރުސަތުތައް ހުޅުވިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި މީގެ ކުރިން، ފިނޭގެ ރައްޔިތުން ތަހައްމަލް ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. ރައީސް ވިދާޅުވީ، ފިނޭގެ ތަރައްގީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ފިނޭގައި ތަރައްޤީކުރެވުނު އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އާ ކަރަންޓްގެ ވިއުގަ އިފްތިތާޙްކޮށްދެއްވުމަށްފަހުގައި، ރައީސް ވަނީ، އިންޖީނުގެއާއި އޮފީސް ޢިމާރާތް ވެސް ބައްލަވާލައްވާފަ އެވެ.
ހދ. ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެ އެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި، އިންޖީނުގެ ހުރުމުން އިންޖީނުގެ އަޑާއި، އަރާ ދުމާއި، ގެނދަބުޅީގެ ސަބަބުން އާއްމު ރައްޔިތުންނަށް އޮތީ އެކަން ވަރަށް ބޮޑު ތަކްލީފަކަށް ވެފަ އެވެ. ފިނޭގައި ޢިމާރާތްކުރި އާ އިންޖީނުގެއިން، 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭއިރު، ރަށުގެ ކަރަންޓް ނެޓްވޯރކް ވެސް ވަނީ މުޅިން ބަދަލުކޮށްފަ އެވެ.
ހދ. ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފިނޭގައި މި އަހަރުގެ އޮގަސްޓް މަހު ފެނުގެ ހިދުމަތް ދޭން ފަށާފައިވާއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަރުދަމާގެ ހިދުމަތް ވެސް ދޭން ފަށާފައެވެ.