އަވަށްޓެރި އިންޑިއާގެ އެހީގައި ބ. ދަރަވަންދޫގައި ގާއިމްކުރި ހެލްތު އިމަޖެންސީ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އެ ސެންޓަރު ހުޅުވުމަށް ދަރަވަންދޫ ސިއްހީ މަރުކަޒުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގެ ގޯތިތެރޭގައި ހެދި އެ ސެންޓަރުގެ މަސައްކަތް ކުރީ އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.

އެއީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާ އަށް އެހީވުމުގެ ގޮތުން ދިން 106 މިލިއަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން ހެދި ތަނެކެވެ. އެ އެއީ ދީފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

އިންޑިއާ ސަރުކާރުން ދިން އެހީގެ 7.4 މިލިޔަން ރުފިޔާ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ އެ މަސައްކަތަށް ހޭދަކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ގެއްލުމެއް ނުވަތަ ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހުންނަށް ކުއްލި ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ.

"މިގޮތުން އަޕްގްރޭޑް ކުރެވިގެންދާ ސިއްހީ ހިދުމަތް ދޭ ތަންތަން ނެޝަނަލް ޑިސާސްޓަ ރެސްޕޮންސް ޕްލޭން ނެޓްވޯކް އާއި ގުޅައިލާ މިފަދަ ތަންތަނުގެ ބޭނުން ރަށުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ ރޭވުންތަކުގައި ހިމެނުން،" އެ ބަޔާނުގައިވެ އެވެ.